އަދަބީ




ހުދު ބޮޑުމީހާ
         ދުވަސްވަރަކީ ރަށުގައި  ކަރަންޓު ނުހުންނަ ދުވަސްވަރުކަމަށް ވިޔަސް ރެޔަކީ ވަރަށް ވެސް ހަނދުވަރުރީތި ރެޔެކެވެ. މުޅިރަށް ވަނީ ރިހި ހަނދުވަރަކުން ދިއްލާ ލައިފައެވެ. އަނދިރިކަމުގެ ކުޑަވެސް އިހުސާސެއް ކުރަން ނުޖެހޭފަދަ މިންވަރަކަށެވެ. އަޅުގަނޑަކީ ރޭގަނޑު މަގުމައްޗަށް ނިކުމެ އުޅެން ބިރުގަންނަމީހެއްކަމުގައިވިޔަސް މިރެޔަކު އެފަދަ އެއްވެސް ބިރުވެރިކަމެއް އިޙުސާސްވެސް ނުކުރެވެއެވެ. ސަބަބަކީ ރަށަށް ވެރިވެފައިވާ ހަނދުވަރުގެ ސާފުކަމާއި ނަލަކަމުންނެވެ. މިހެނކަމުންް އަޅުގަނޑުގެ ހަޔާތުގެ ބައިވެރިޔާއާ ބައްދަލުކުރުމަށް ބައިވެރިޔާގެ ގެއަށް ދިއުމަށް  ބޭރަށް ނުކުތީ ބިރުވެރިކަމުގެ ކުޑަވެސް އިހުސާސެއްނެތިއެވެ.ރޭގެސާފުކަމާއި ރީތިކަމުން ކަށް ނޭގެއެވެ.ޓޯޗްބައްތިއެއްވެސް ބޭނުންނުކޮށެވެ. އެހެން ރޭރެޔަށްވުރެ މަގުމަތީގައި މީހުންވެސް ތިޔާގިއެވެ.
       ގެއިން ނިކުމެގެން ކުޑަތަންކޮޅަކަށް ދެވުނުތަނުން އަޅުގަނޑުގެ ވަރަށް ގާތް ދެރައްޓެއްސަކާއި ބައްދަލުވެއްޖެއެވެ. މިމީހުނަށް އަޅުގަނޑުހަމަފެނުމާއިއެކު" އަތިރިމަތި ބަލައިލަން ދާންވީނޫންހޭ " ބުނެފިއެވެ.  އަޅުގަނޑުވެސް ހުރީ އަތިރިމަތި ބަލައިލަން ދާން ވަރަށް ބޭނުންވެފައި ކަމުން އެކަމަށްއާބަސް ދެވުނީ ކުޑަވެސް ޖެހިލުމެއްނެތިއެވެ. މީހުން އުޅޭސަރަހައްދާއި އަތިރިމަތި ކިތަންމެ ދުރުކަމުގައި ވިޔަސް މިރެޔަކު ބިރުވެރިކަމުގެ ކުޑަވެސް އިޙުސާސެއް ނުކުރެވެއެވެ.ސަބަބަކީ ރޭގަނޑުގެ ކަޅުއަނދިރިކަމުގެ ކުޑަވެސް ކުލަވަރެއް ރަށުތެރެއިން ފެންނަން ނެތުމެވެ. އަތިރިމަތީ ތިބިއިރު ތަފާތު ވާހަކަތައް ދެކެވުނެވެ. އެކިމީސްމީހުނަށް ދިމާވެފައިވާ ބިރުވެރި ވާހަކަތަކެވެ. ހުދުމީހުނާއި ކަޅުމީހުން ފެންނަވާހަކައެވެ. އެމީހުންގެ ފައި ބިމުގައި ނުޖެހޭ ވާހަކައާއި އެމީހުންގެ ބޮޑެތިކަމުގެ ވާހަކައެވެ. ކޮންމެއަކަސް މިދެކެވުނު ވާހަކަތަކުގެ ސަބަބުން ގެޔަށް އަންނަން އައިއިރު ތިންމީހުން ވެސް ތިބީ އަތިރިޔަށް ދިޔައިރު ހުރިފަދަ އިހުސާ ސެއްގައެނޫނެވެ. ހަނދުވަރު ކިތަންމެ ސާފުކަމުގައި ވިޔަސް ހިތުގައި ކުޑަ ބިރުވެެރިކަމެއް އުފެދިފައި ވެެއެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އެވަގުތު އެންމެ ބޮޑަށް ހިގަމުން ދިޔައީ އަޅުގަނޑުގެ ޙަޔާތުގެ ބައިވެރިޔާގެ ފިކުރުތަކެވެ. އެތަނަށް ދިއުމުގެ ވިސްނުމެވެ.އަޅުގަނޑުގެ ހިތްކުޑަތަންވެފައިވަނީ އެތަނަށް ދިއުމަށެވެ. ނަމަވެސް އޭރުއަޅުގަނޑުހުރީ  ފާޚަނަޔަކަށް ދާން ބޭނުންވެފައެވެ. މިހެންކަމުން ފާޚާނާ ކޮށްގެން ބައިވެރިޔާއާއި ބައްދަލު ކުރުމަށް ދިއުމުގެ ގަސްދުގައި ދެއެކުވެރިން ނާއި ވަކިވީ ފާޚާނަ ކުރުމަށް ދިއުމަށެވެ.
     ދުވަސްވަރަކީ ރަށުގައި ފާޚާނާ ނުހުންނަ ދުވަސްވަރަކަށް ވުމާއިއެކު އާއްމުކޮށް މީހުން ފާޚާނާ ކޮށް އުޅެނީ ވަލުތެރެއަށެވެ. އަޅުގަނޑުވެސް އެތާކައިރީ އޮތްރައްޔިތުންގެ ކެޔޮތެރެޔޭ ކިޔާ ކެޔޮތެރެއަކަށް ފާޚާނާ ކުރުމަށް ވަނީ ވަރަށް ވެސް ކެތް ކުޑަވެފައި ހުރެެއެވެ. ބައިވރިޔާ އާއި ބައްދަލުކުރުމަށް އަވަހަށް ދިއުމުގެ ގަސްދުގައެވެ. ފާޚަނާކުރުމަށް ހަމައިށީނުމާއިއެކު ކުރިމަތިން ފެން ނަންމިހުރި ވަރަށް ހުދު ބޮޑޮމީހެކެވެ. ހަނދުވަރުގެ ސާފުކަމުން ކުޑަވެސް ފޮރުވުމެއްނެތި އެހެރީ ހުދުމީހާ އަޅުގަނޑުގެ ކުރިމަތީގައި ގާތްގަނޑަކަށް ވިއްސަކަށް ފޫޓް ދުރުގައެވެ. ގަޔަށް އަރަމުންދާ ހީގަނޑު ގަނޑު ފިލާނުދެއެވެ. ކުއްލިޔަކަށްހަދާނަށް އައީ އަތިރިމަތީ ތިބެ ދެކެވެނު  ހުދުމިހާގެ ވާހަކަތަކެވެ. ބިރުން އިންތަނުން ހެލިލާންވެސް ނުކެރޭހާލު ބޮޑުމީހާގެ ފައި ބިމުގައި ޖެހޭތޯ ބަލައިލީމެވެ.ފަޔެއް ބިމަކު ނުޖެހެއްެވެ. ކަށަވރެވެ.އެއީ ހަމަ އެބުނާ ހުދުބޮޑުމީހާއެވެ. އިންތަނުން ތެދުވާން ކީއްކުރަންތޯއެވެ. ގުޑުވާލަންވެސް ނުކެރުނެވެ. މުޅިރަށަށް ދުވާލެކޭ އެގޮތަށް ހަނދުވަރުގެއަލިން ދިއްލާލައިފާވާއިރު އެއްވެސްފޮރުވުމެއްނެތި ކުރިމަތިން ފެންނަން އެހުރީ ހުދުބޮޑުމީހާއެވެ. ގަތްފާ ހުރި ބިރެއްގެ ބޮޑުކަމުން  ކުރަން އިށީން ކަންތައްވެސް ހަދާންނެތިއްޖެއެވެ. ހަދާނެގޮތްހުސްވެ ހަތަރުއުދަރެސް ފެނުޖެހިއްޖެއެވެ. ދުއްވައި ގަންނާކަށް ހަޅޭލަވައިގަންނާކަށް ނުކެރުނެވެ.
       ކުރިމަތިން ފެންނަންހުރި މިހާޔަކީ ފަލަބިޔަ ބޮޑުމީހެކެވެ. ބޮލެއްނުފެނެއެވެ. ފައި ބިމުގައި ނުޖެހޭކަން ޔަގީނެވެ. އެހެނަސް    މަޑުމަޑުން ހިރޭކަމުގެ އިހުސާސް ކުރެވެއެވެ. ހުރީ ކުރިމަތިލައިގެން ކަމެއް ނުވަތަފުރަގަސްދީގެން ކަމެއް ފާހަގަ ކުރާކަށް ނޭގެއެވެ. ބޮޑަށް ލަފާކުރެވެނީ ކުރިމަތި ލައިގެންހުރެ ހަމަގަޔާ ދިމާއަށް އަންނަހެންނެވެ. ހަމަޔަގީނުންވެސް އެއީ ބޮޑުމީހާއެވެ.
        މަޑުމަޑުމަޑުން ފަހަތަށް ހިރެން ފަށައިފީމެވެ. ނަމަވެސް ފަތެއްއެއްޗެއްގައިވެސް ނުޖެހި ވޭތޯ ބަލަމުުންނެވެ. އަޑެއް އިވިދާނެތީ ގަންނާ ކުރައްްވާ ބިރަކުންނެވެ. ކޮޅަށްނުތެދުވެ އިށީދެ އިދެގެންނެވެ. މަޑުމަޑުން ބިރުން ވިރޭޙާލުގައި މިގޮތަށް އިށީދެ އިދެގެން ނިކުމެވޭތޯ މަސައްކަތް ކުރަން ފަށައިފީމެވެ.ކުރިމަތީގައި ހުރި ހުދުބޮޑު މީީހާޔަށް ފަހަތަށް ޖެހޭކަން ނުވަތަ ހިރޭކަން އިޙުސާސް ނުކުރެވޭހާ މަޑުމަޑުން ނެވެ.  އެމީހާޔަށް ބަލަމުންނެވެ.ގޮތެއް ހަދާލާތޯއެވެ. ނުވަތަ ކައިރިޔަށް އާދޭތޯއެވެ. ބައެއްފަހަރަށް އަންނަހެން ހީވެއެވެ. މަޑުމަޑުން ހިރޭހެންވެސް ހީވެއެވެ. ކޮންމެއަކަސް މިފަދަޙާލެއްގައި ވަރަށް ގިނައިރުތަކެއްގެ ފަހުން ބޮޑުމީހާޔާ ތަންކޮޅެއްދުރަށް ޖެހިލެވިއްޖެއެވެ. ބިރުން ހުރެނަމަވެސް ކުއްލިޔަކަށް  ކޮޅަށް ތެދުވެފައި ވަރަށްް ބާރަށް ދުއްވައިގެންފީމެވެ. ނަމަވެސް ފަހަތް ބަލަމުންނެވެ. ބޮޑުމީހާ އާދޭތޯއެވެ. ބިރުންހުރިވަރުން އަބަދުވެސް ހީވަނީ ފަހަތުން ބޮޑުމީހާ އަންނަހެންނެވެ.ކޮންމެއަކަސް ބިރުންހުރެ ތެޅެމުން ފޮޅެމުން މީހުންއުޅޭސަރަހައްދަށް އާދެވިއްޖެއެވެ. އެކަމަކު އޭރުވެސް އަބަދުވެސް ބެލެނީ ފަހަތަށެވެ. އެއީ ބޮޑުމީހާ އައިސްދާނެކަމަށް ހީވާވަރުންނެވެ.ހަމަޖެހިލެވުމުގެެ ނޭވާއެއްލެވުނީ ރައްޓެހި ކުދިން ކޮޅަކާ ބައްދަލުވުމުންނެވެ. ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމުގައި ރަށްޓެހިންކައިރީ ފުރަތަމަ ބުނެލެވުނީ "ހުދު ބޮޑުމީހާ " މިހާވަރަށެވެ.ނަވެސް ހިއްވަރުކޮށްލައިފާ ބޮޑުމީހާގެ ވާހަކަތައްް މިމީހުނަށް ކިޔައިދީފީމެވެ. އެކުވެރިން ވެސް ވަރަށް ބިރުން ހުރެ އެހެނަސް ބިރުން ކަމަށް ނަހަދާ "ބަލަންދާ ހިގާށޭ" ކިޔާފައި ދުއްވައިގެންފިއެވެ.އަހަރެންވެސް އެމީހުނާއެކު ދިޔައީމެވެ.
       ބޮޑުމީހާ ހުރިސަރަހައްދާ ކައިރިވެފައި އެންމެންވެސް ދިޔައީ ވަރަށް މަޑުންނެވެ. ވަރަށް މަޑުމަޑުން އެސަރަހައްދަށްގޮސް ބަލައިލި އިރު ބޮޑުމީހާ ހަމަހުރިތަނުގައި ހަމައެގޮތަށް ހުއްޓެވެ.ހުރިހާ ރަށް ޓެހިންނަށް އެމީހާދައްކައިފީމެވެ. ތެދެކެވެ. "އެހެރީ ހަމަހުދު ބޮޑުމީހެކެވެ." ހުރިހާ ރަށް ޓެހިންވެސް ބުންޏެވެ.އެއްމެން ވެސް ބިރުންތިބެނަމަވެސް ވަރަށް ބާރަށް ހަޅޭލަވަން ފަށައިފީމެވެ. ހަޑިހުތުރު ބަސްތަކުންވެސް ގޮވަންފަށައިފީމެވެ. ބޮޑުމީހާޔަށް ކަމެއްވާކަންވެސް ނޭގެއެވެ.ކަހާތަންހިރުވާވެސް ނުލައެވެ. ހަމަހުރިތާ މަޑުމަޑުން ހިރިލަހިރިލާ ހުއްޓެވެ. އިތުރުވަކި ގޮތެއް ހަދައެއް ނުލައެވެ.އަހަރެމެންއެއްމެން ކައިރިޔަށް ވަރަށް ރުޅިއަތުވެއްޖެއެވެ. ވަށައިގެން ހޯދާލުމަށް ފަހު ކައިރީގައިހުރި ގާތަކާއި އުނބާއި މިފަދަތަކެތި ނަގައި އުކަން ފަށައިފީމެވެ. ބޮޑުމީހާޔާ ދިމާއަށެވެ. ކުޑަކޮން ހިރޭހެން ހީވަންފަށައިފިއެވެ. ބައެއްފަހަރު ގާބުރި ބުރިންނާއި އުބުން އެމީހާގެ ގައިގައި ޖެހޭހެން ވެސް ހީވެއެވެ. ނަމަވެސް އިތުރު ގޮތެއްހަދާ ލާކަމެއް ފާހަގައެއް ނުކުރެވެއެވެ. ކޮންމެއަކަސް އަހަރެމެން ހިތައްއެރި އެއްޗެއް ގޮވަމުން ހަލޭލަވަމުން ގަލާއި އުބު އުކުމުގެ ތެރޭގައިއެއްކުއްޖަކު އެއްލި އުބެއް ގޮސްޖެހުނީ ބޮޑުމީހާގެ ގައިގައެވެ. ހަމަޖެހުމާއި އެކު ގޮވީ ކެޔޮފަތެއްގައި ޖެހުމުން ގޮވާފާޑުގެ އަޑެކެވެ. އޭރުވެސް އެމީހާ ހުރީ ހަމަހުރިގޮތަށެވެ. ނަމަވެސް ގަލުން ޖެހުނުތަނުން ތަފާތު ގޮތެއް އަދިރިކަމެއް ފާހަގަކުރެވުނެވެ.މިހެން ކަމުން މިއީ ބޮޑުމީހަކަމާއިމެދު ޝައްކުވެއްޖެއެވެ. އެއީ އެއްވެސް އެހެން އިޝާރާތެއް ނެތިފައި ހުރިގޮތަށް ހުރީމައެވެ.އަނެއްކާވެސް ކުއްޖަކު އެއްލި ގާބުރިޔަކުން ގޮސް ޖެހުނީ ބޮޑުމީހާގެ މެދުހަށީގައެވެ.ޔަގީނެވެ. އެއީ މީހެއްނޫނެވެ. އެއީ ކެޔޮ ފަތެކެވެ.
        މިއޮށްހުރިހައިރު ބޮޑުމީހަކަމަށް ބިރުން މިހުރިހާކަމެއް މިކުރީ ކެޔޮފަތެފެނިގެންނެވެ. ދުނިޔެއަށް ވެރިވެފައިވާ ރިހަދުވަރުން ކެޔޮގަހަކުން ބިދިފައިވާ ފަތަކަށް ހަދުވަރުގެ ދަޅައެޅިފައި ހުރުމުން ހުދުމީހެއްގެ ގޮތުގައި ސިފަކުރެވުނީއެވެ. ރަގަޅަށް ބެލިއިރުމިވީ ހުދުމީހާ ކެޔޮފަތަކަށެވެ. މިކަމާ އަހަރެމެން ވަރަށް ހިނިއައެވެ. އަދި ފަތްދެކެ ވަރަށް ރުޅީވެސް އައެވެ.ެއައި ރުޅީގައި ކެޔޮގަހުން ފަތް ބުރިކޮށްވެސް ލީމެވެ.     

No comments:

Post a Comment