Saturday, April 4, 2015

ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ކިޔަވައިދިނުމުގައި ދިވެހިރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ކުރިމަތިވާ މައިގަޑު ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރަން ކުރެވިދާނެ ކަންކަން





ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ކިޔަވައިދިނުމުގައި ދިވެހިރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ކުރިމަތިވާ މައިގަޑު ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރަން ކުރެވިދާނެ ކަންކަން 
 

ވިސްނުމުގެ ހުނަރަކީ އެ ހުނަރެއް ބޭނުންކޮށްގެން ދުނިޔެ އާރާސްތުކުރުމަށް އިންސާނާ ބޭނުންކުރާނެ އެންމެ މުހިންމު ހުނަރެވެ. ދުނިޔެ ދަސްކުރުމަށާއި، އިންސާނުން ދުނިޔޭގައި އުޅުމަށް ކުރާމަސައްކަތް ދަސްކުރުމަށާއި ދޭދޭ ގުޅުންތައް ޤާއިމް ކުރުމަށާއި ގުޅުންތައް ދެމެހެއްޓުމުގައެވެ. ރަނގަޅާއި ނުބައި ވަކި ކުރުމުގައެވެ.  ވިސްނުމުގެ ހުނަރަކީ އުމުރާއެކު ތަރައްގީވަމުން އަންނަ އެއްޗެކެވެ. ޕިއާޖޭ ފާހަގަ ކުރާގޮތުން އިންސާނުންގެ ވިސްނުން ތަރައްގީ ވަމުން އަންނަނީ އެކި ހަރުފަތް ތަކެއްގެ މައްޗަށެވެ.
އުމުރަށް އަންނަ ބަދަލުތަކާ އެކުއެވެ.  ވައިގޮޓްސްކީ ގެ ނަޒަރިއްޔާގައި ބުނާގޮތުން އިންސާނުންގެ ވިސްނުން ތަރައްޤީވުމުގައި މާހައުލުން  ވަރަށްބޮޑަށް ދައުރެއް އަދާ ކުރެއެވެ. ދަރިވަރުންގެ ވިސްނުން ތަރައްގީ ކުރުމުގައި މާހައުލު މުހިންމު ދައުރެއް އަދާ ކުރާއިރު ދަރިވަރުންގެ މާހައުލުގެ އެންމެބޮޑު އެއްބައިކަމުގައިވާ މުދައްރިސުންނަށް ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެއެވެ.  ނަމަވެސް ދަރިވަރުންގެ ވިސްނުން ތަރައްގީކުރުމުގައި ގިނަ ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތި ވާނެއެވެ.
އުގަންނައި ދިނުމުގައި މާރކުސްތަކަށް ނުވަތަ ގުރޭޑްތަކަށް ވިސްނައިގެން ކިޔަވައި ދިނުން ބައްޓަން ކުރަންޖެހިފައި ވުމަކީ މުދައްރިސުންނަށް ދަރިވަރުންގެ ވިސްނުމުގެ ހުނަރާއި އެހެނިހެން ހުނަރުތައް ތަރައްޤީ ކުރުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ދަރިވަރުންގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން މަސައްކަތްތައް ނިންމުމަށް ދޭންޖެހޭ ސަމާލުކަން މުދައްރިސުންނަށް ދޭނެ ވަގުތު ނުލިބުމަކީ މިކަމަށް މެދުވެރިވާ އެއް މައްސަލައެވެ. އަނެއްކަމަކީ ދަރިވަރުންނަކީ އިމްތިހާން ހަދާ މެޝިންތަކެއްގެ ގޮތުގައި ދަރިވަރުން ބަލައިގަނެވިފައިވާ ކަމެވެ. މިހެންވުމުގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ވިސްނުން އުގެނުމުގެ ހަރަކާތުގައި ބޭނުންކުރުން އޮންނަނީ ލިމިޓްކުރެވިފައެވެ.
މިކަމަށް ހައްލެއް ގެނައުމަށް ޕޮލިސީ ލެވެލްގައި މަޝްވަރާވެވެން ޖެހެއެވެ. އޭގެ އިތުރުން މިހާރުގެ ޓާގެޓްތަކަށް ވާސިލުވުމަށް މަސައްކަތް ކުރާއިރު މުދައްރިސުން ދަރިވަރުންގެ ވަށާޖެހިފައިވާ ތަރައްޤީއަށް ވިސްނުން ގެންގުޅެންޖެހެއެވެ. ނަތީޖާއަކީ ހަމައެކަނި އިމްތިހާނުން ލިބޭ ގުރޭޑްތަކަށް ނުބަލާ ދަރިވަރުންގެ ފެންވަރު ދެނެގަތުމުގެ އުސޫލުތަކެއް ވަށާޖެހިފައިވާ ތަރައްޤީއަށް ވިސްނައިގެން ތައްޔާރު ކުރަންޖެހުމެވެ. އޭރުން ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން މުދައްރިސުންނަށްދެވި މުދައްރިސުންގެ ކާމިޔާބީއަކީ ދަރިވަރުންގެ ފުރިހަމަވާންޖެހޭ މިފަދަ ބައިތައް (ވިސްނުމުގެ ހުނަރު) ފުރިހަމަ ކޮށްދެވުންކަމުގައި މުދައްރިސުންނަށް އިހުސާސްވާން ފަށާނެއެވެ.
ވިސްނުމުގެ ހުނަރު ތަރައްގީ ކުރުމުގައި ދަރިވަރުން ކުޑައިރުންސުރެ ވަކިގޮތަކަށް ވިސްނުން ބައްޓަން ކުރަމުން ގެންދިއުމަކީ މުހިންމުކަމެކެވެ. ތުއްތު އުމުރުން ފެށިގެން ކިޔެވުމުގެ ހުރިހާ މަރުހަލާއެއްގައި ވިސްނުމުގެ ހުނަރު ތަރައްގީ ވަމުން އައުމަކީ މުހިންމު ކަމެކެވެ. ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްގީ ކުރުމަށް ތުއްތު އުމުރުގެ އުގެނުމުގައި އެއާދަތައް ހަރުލެއްވުމަކީ މުހިންމު ކަމެކެވެ.  މުދައްރިސުންނަށް މިކަންކުރާނެ ރަގަޅު އުސޫލުތައް ފުރިހަމައަށް ނޭގުމަކީ ބޮޑު ގޮންޖެހުމެކެވެ. ވިސްނުމުގެ ހުނަރުތައް ތަރައްޤީ ކުރުމަށް ގެންގުޅެންޖެހޭނެ ރަގަޅު އުސޫލުތަކާއި ސިސްޓަމެޓިކް ގޮތްތައް މުދައްރިސުންނަށް އެގިފައިވުމަކީ ކޮންމެހެން ބޭނުންކަމެކެވެ.  ވިސްނުން ތަރައްޤީ ކުރުމުގެ ބައިތަކަށް ބަލާލާއިރު ގުރީން  (2012) ފާހަގަ ކުރައްވާގޮތުގައި ވިސްނުން ތަފާތު ފަސް ބަޔަކަށް ބަހާލެވެއެވެ. އެއީ: (1) ސުވާލު އުފައްދާ ވިސްނުން: (Critical Thinking) މިއީ ތަފާތު ގޮތްގޮތަށް ވިސްނާ، ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން އެ ޙާލަތަކާގުޅޭ ގޮތުން ލިބެންހުރި މަޢުލޫމާތެއްގެ އަލީގައި ކަންކަން ވަޒަންކޮށް ފެންނަން ހުއްޓަސް އަދި ނެތަސް އެކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤާބިލްކަން ހޯދުމަށް ލިބެންޖެހޭ ހުނަރުތައް ލިއްބައިދޭ ބަޔެވެ.  (2) ތަންފީޒީ ވިސްނުން: (Implementation thinking) މިއީ ވިސްނުން ތަންފީޒު ކުރުމަށް، ލިބޭ ޚިޔާލުތައް އެންމެ ފައިދާހުރި ގޮތެއްގައި ވަކިގޮތަށް ރާވައި ހިންގުމުގެ ކުޅަދާނަކަން ލިއްބައިދޭ ބަޔެވެ. (3) މައިގަނޑު ޚިޔާލަށް ވިސްނުން: (Conceptual thinking) މިއީ މައިގަނޑު ޚިޔާލަށް ވިސްނުމާއި ، ކަންކަން މެދުވެރިވަމުން އަންނަ ގޮތަށާއި ފެންނަ މަންޒަރާ ގުޅުވާލައިގެން ކަންކަން ފުރިހަމަ ކުރުމުގެ ޤާބިލްކަން ލިއްބައިދޭ ބަޔެވެ. (4) އާ ހޯދުންތަކާ މެދު ވިސްނުން: (Innovative thinking) މިއީ އާ ހޯދުންތަކާމެދު ވިސްނާ އާ ޚިޔާލުތައް އުފެއްދުމާއި، އާ ގޮތްތައް ބޭނުން ކޮށްގެން އެއްޗެހި އުފެއްދުމުގެ ފުރުޞަތުތައް ހޯދާދޭ ބަޔެވެ. (5) ޤުދުރަތީ ވިސްނުން (Intuitive thinking) މިއީ މާބޮޑު ޢިލްމަކާއި ހެކިތަކެއް ނެތި ހިއްސުތައް ބޭނުންކޮށްގެން ކަންކަމުގެ ހަޤީޤަތް ހޯދައި އެންމެ ފަހުގެ ނިންމުމުގެ ކުޅަދާނަކަން ލިބޭ ބަޔެވެ. މިބައިތަކަކީ އެދުވަހަކުން ނުވަތަ އެއްއަހަރަކުން ދަރިވަރުންގެ ކިބައިގައި އަށަގެންނުވޭނެ ހުނަރު ތަކެއް ނޫނެވެ. މިކަހަލަ ހުނަރުތަކަކީ މަޑުމަޑުން އަށަގެންނުވޭނެ ހުނަރުތަކެވެ.  މިކަމުގައި މުދައްރިސުނަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ އެކި ގުރޭޑްތަކުގައި މިކަން ހާސިލް ކޮށްދޭންޖެހޭ މިންވަރަށް ހާސިލް ނުވެ އަނެއްގުރޭޑަށް ބަދަލުވުމުން އެގުރޭޑެއްގައި މި ހުނަރު ހާސިލްކޮށްދޭންޖެހޭ މިންވަރަށް ފޯރުކޮށްދިނުމުގައި އުދަގޫވުމެވެ. ޒީރޯޓުތުރީ  (ތ.ނ) ގައި ބަޔާންކުރާގޮތުން ވަރަށް ތުއްތު އުމުރުގައި ކުދިންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރަންޖެހެއެވެ. ކުދިންގެ މިހުނަރު ތަރައްޤި ކުރުމަށް ބެލެނިވެރިންނާއި މި އުމުރުގައި ކުދިންގެ ކަންކަން ބަލަހައްޓަން އުޅޭ ފަރާތްތައް މިކަމަށް ލޯހުޅުވިފައިވުމަކީ މުހިންމުކަމެކެވެ (ކައުންސިލް ފޯރ އެކްސެޕްޝަނަލް ޗިލްޑުރެން, ތ.ނ). ދަރިން ކުރާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު ދިނުމާއި ސުވާލުކުރުމާއި ކަންކަމާއިމެދު ވިސްނުމަށް ދަރިންނަށް ހިތްވަރުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަންކަން އެކަށީގެންވާ ގޮތެއްގައި ފުރިހަމަނުވެ ސުކޫލްމަރުހަލާ ފަށާ ދަރިވަރުންނަށް މިކަން ފުރިހަމަގޮތުގައި ގެންގޮސްދިނުމަށް މުދައްރިސުން ކުރަންޖެހޭ މަސައްކަތް އިތުރަށް ބޮޑުވުމަކީ އެއް ގޮންޖެހުމެވެ. ސަބަބަކީ މިހުނަރު އެކަށީގެންވާގޮތެއްގައި ތަރަޤީ ނުކުރެވިއްޖެނަމަ ކަންކަމާދޭތެރޭގައި ވިސްނުމާއި ސުވާލު އުފެއްދުމާއި ސުވާލުތަކަށް ޖަވާބުހޯދުންފަދަ މުހިންމު ހުނަރުތައް (ސްޗެނިޑަރ, 2012) ކުދިންގެ ކިބައިގައި އަށަގެންނެވުމަކީ އުދަގޫކަމަކަށް ވާނެއެވެ. މިހެން ވެއްޖެނަމަ ދުނިޔެއުޅުމުށް ބޭނުންވާ ކަންކަން ހާސިލުކުރުމަކީ އެކުދިންނަށް އުދަގޫކަމަކަށް ވާނެއެވެ.  
މިމައްސަލަ ހައްލުކުރުމަށް ދަރިވަރުންގެ ތުއްތުއުމުރުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ބައިތައް ރަގަޅަށް އެގޭ ބަޔަކަށް މުދައްރިސުން ވާންޖެހެއެވެ. މީގެ ތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ ޕުރީސުކޫލުތަކުގައި މަސައްކަތް ކުރަށްވާ މުދައްރިސުންނެވެ. ޕުރީސުކޫލުތަކުގައި މަސައްކަތް ކުރަށްވާ ގިނަ މުދައްރިސުންނަކީ ތުއްތުކުދިންނަށް ކިޔަވައިދިނުމުގެ ދާއިރާއިން ތައުލީމާއި ތަމްރީން ލިބިފައިނުވާ މުދައްރިސުންނަށް ވީއިރު މި މުދައްރިސުންނަށް ކަމާބެހޭ ތައުލީމާއި ހުނަރު ފޯރުކޮށްދިނުމަށް ޓުރޭނިންގ ޕުރޮގުރާމްތަކާއި ވޯކްޝްޕްފަދަ ކަންކަން އިންތިޒާމް ކުރެވިދާނެއެވެ. އަދި ދާއިރާއިން ތަމްރީން ލިބިފައިވާ ތަޖުރިބާކާރު މުދައްރިސުންގެ އެހީގައި ކިޔަވައި ދިނުމުގެ މަސައްކަތް ދާގޮތް މޮނިޓާރކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެފަރާތްތަކުގެ އެހީތެރިކަން ހޯދިދާނެއެވެ.

No comments:

Post a Comment