Saturday, April 4, 2015

ތައުލީމީ ފަލްސަފާއާއިމެދު ލިޔެވިފައި ހުރި ޢިލްމީ ލިޔުންތައް ދިރާސާ ކުރުމަށްފަހު، ރަގަޅު ތަޢުލީމީ ފަލްސަފާއެއްގައި ހުންނާނެ ސިފަތަކުގެ ޚުލާސާ





1.    ތައުލީމީ ފަލްސަފާއާއިމެދު ލިޔެވިފައި ހުރި ޢިލްމީ ލިޔުންތައް ދިރާސާ ކުރުމަށްފަހު، ރަގަޅު ތަޢުލީމީ ފަލްސަފާއެއްގައި ހުންނާނެ ސިފަތަކުގެ ޚުލާސާ
     ތައުލީމީ ފަލްސަފާތަކަށް ބަލާލާއިރު ޑޮކްޓަރ މުސްތޮފާ ލުތުފީއާ ހަވާލާ ދެއްވާ އާއިމިނަތު ޝިފްލީން ވިދާޅުވެފައިވަނީ ޑރ. މުސްތަފާ ސިފަކުރައްވާ ގޮތުގައި ތައުލީމީ މަންހަޖަކީ "މުޖުތަމައުން، އެ މުޖުތަމައުގެ ހުރިހާ ފަރުދުންގެ ކިބައިގައި އަށަގެންނެވުމަށް ކަނޑައަޅާފައިވާ އިލްމާއި ހުނަރާއި އުސޫލުތަކާއި އަހްލާގާއި ސަގާފީ ގޮތްތަކާއި އަގީދާ ހިމެނޭ ތައުލީމީ ޕްރޮގްރާމެކެވެ." އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް(1997) ތަޢުލީމީ ފަލްސަފައާއި ބެހޭގޮތުން ވިދާޅުވެފައި ވެއެވެ.
"ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމުގެ ބޭނުމަކަށް ވާންވާނީ، އަޅުގަނޑުމެންގެ އައު ޖީލްތަކަށް ދިވެހި މުޖުތަމަޢުގެ އުޞޫލުތައް ތަޢާރަފް ކުރުމެވެ. މުޖުތަމަޢަށް އެކަށޭނަ ރަނގަޅު ބަދަލުތަކެއް ގެނައުމެވެ. އަޅުގަނޑުމެންގެ ޅަދަރިންގެ ވިސްނުން ހަރުދަނާ ކުރުމެވެ. އެކުދިންގެ ސްލޫކާއި އުޅުން ތަރައްޤީ ކުރުމެވެ. އެކުދިންނަށް އިޖްތިމާޢީ ރީތި އަދަބުތަކާއި އަޚްލާޤީ މާތް ސިފަތައް ދަސްކޮށް ދިނުމެވެ. އަދި ދިވެހިރާއްޖޭގެ މަދަރުސާތަކުގެ އިޖްތިމާޢީ ދައުރަކަށް ވާންވާނި ދިވެހި މުޖުތަމަޢުގެ އުޞޫލުތަކަށް ދިވެހި ދަރީންގެ ހިތްތަކުގައި ލޯތްބާއި ޤަދަރު އުފައްދައި ދިނުމެވެ. އާދެ، މާތް އިސްލާމް ދީނާއި ދިވެހި ޤައުމިއްޔަތުގެ ހިޔާވަހިކަމުގެ ދަށުން ދިވެހި މުޖުތަމަޢަށް ޚިދުމަތްކުރާނޭ އިޚްލާޞްތެރި މުވާޠިނުންތަކެއް ތައްޔާރުކުރުމެވެ."
1997ވަނަ އަހަރު ނެރުނު ފަތްތޫރައިގެ 218ވަނަ ޢަދަދުގައިވާ މައުމޫން ޢަބުދުލް ޤައްޔޫމްގެ (ތަޢުލީމުގެ ބޭނުމާއި މަދަރުސާގެ އިޖްތިމާޢީ ދައުރު) މި މަޒްމޫނުން ނަގާފައި.
ޕެރެނިއަލިޒަމްގެ ފަލްސަފާގައި ބުރެވެވިފައި ވަނީ ދެމިހުންނަ މޮޅެތި ޚިޔާލުތަކާއި، ބަދަލުނުވެ ހުންނަ ތެދުހެކި ތަކާއި އާރޓއާއި، ދީނާއި ފަލްސަފާގެ މައްޗަށެވެ. އުގަންނައިދިނުމުގެ މަސައްކަތައް ބަލާއިރު އިންފޮމޭޝަން ޕުރޮސެސިންގެ މައްޗަށް ބުރަވެވިފައިވެއެވެ. މި ފަލސްސަފާއަކީ މުދައްރިސަށް ބަރޯސާވެފައިވާ ފަލްސަފާ އެކެވެ (ކޮހެން، 1999). އެސެންޝިއަލިޒަމް ގެ ފަލްސަފާގައި އުގަންނައިދެނީ އަސާސީ މުހިންމު ހުނަރުތަކެވެ. މުހިންމު މައުލޫމާތުތަކާއި ދުނިޔެ އުޅުމަށާއި ވަތަނީވަންތަކަމަށް ބޭނުންވާނޭ ހުނަރުތަކެވެ. އުގެނުން ބިނާވަނީ މާހައުލުން ލިބޭ މައުލޫމާތުތަކާއި ފެންނަ ކަންކަމުގެ މައްޗަށެވެ. ސޯޝިއަލް ލާރނިންގ ތިއަރީގެ ބައިތަކަށް ބުރަވެވިފައިވެއެވެ (ގާރތް، 2014). ޕުރޮގުރެސިވިޒަމްގެ ފަލްސަފާގައި އުގެނުން ބިނާވާންޖެހެނީ ދަރިވަރުންނަށ ލިބޭ މައުލޫމާތާއި ޢިލްމު ޓެސްޓުކުރެވިގެންނެވެ. ޓެސްޓުކުރުމަށް އެކްސްޕެރިމެންޓް ނުވަތަ ތަހުލީލުތައް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބެންޖެހެއެވެ. މިފަލްސަފާގެ އުގެނުމާ ގުޅޭ ތިއަރީތަކަށް ބަލާލާއިރު ކޮގްނިޓިވްޒަމް އަދި ކޮންސްޓުރަކްޓިވިޒަމް މިފަލްސަފާގައި  މުހިންމު ދައުރެއް އަދާކުރެއެވެ (ކޮހެން، 1999). ރީކޮންސްޓުރަކްޓިވިސަމްގައި ދުނިޔެ ދަސްކުރުމާއި އިޖުތިމާއީ ބަދަލުތައް ދެނެގަތުމާއި މުސްތަގުބަލް އުޖާލާކުރުމަށް ބޭނުންވާނޭ ހުނަރުތައް ލިއްބައިދިނުމަށް ބާރު އަޅާފައިވެއެވެ. އުގެނުމުގެ ތިއަރީއަށް ބަލާއިރު ހިޔުމަނިޒަމްއަށް ފޯކަސް ކުރެވިފައިވެއެވެ (އެޑިއުކޭޝަން.ކޮމް، 2013). މިހުރިހާ ފަލްސަފާއަކީ ވެސް ރަގަޅު ތައުލީމީ ފަލްސަފާއެއްގައި ހުންނަޖެހޭނެ ބައިތައް ހިމެނިފައިވާ ފަލްސަފާ ތަކެކެވެ. މައުލޫމާތު ޕުރޮސެސް ކުރުމާއި ދިނާއި ސަގާފަތާއި މާހައުލުން އެހެން މީހުންގެ ތަޖުރިބާއިން ކަނަކަން ދަސްކުރުމުގެ ހުނަރުތަކާއި، ދުނިޔެ އުޅުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމާއި، ދުނިޔެއާއި އަމިއްލަ ދިރުއުޅުމަށް ގެންނަޖެހޭ އިޖުތިމާއީ ބަދަލުތައް ގެނައުމުގެ ޤާބިލުކަން ލިއްބައި ދިނުމަށް ރަގަޅު ތައުލީމީ ފަލްސަފާއެއްގައި ބާރުއެޅުން ޖެހެއެވެ.
2.    އަމިއްލަ ތައުލީމީ ފަލްސަފާ
ރަގަޅު ތައުލީމީ ނިޒާމެއްގައި އަޅުގަޑުމެންގެ ދީނާއި އަޤީދާއާއި ފުށުނާރާ، އަމިއްލަ ބަހާއި ސަޤާފަތް ދެމެހެއްޓުމަށް މަސައްކަތްކުރެވޭ، ދުނިޔެ އުޅުމަށް ބޭނުންވާ ހުނަރުތަކާއި ސިކުޑީގެ ތަރައްޤީ ގެނައުމަށް މަސައްކަތްކުރެވޭ ފަލްސަފާއެވެ. އަދި ތައުލީމީ ނިޒާމު ނިންމާ ނިކުންނަ ކޮންމެ ދަރިވަރަކީ ދީނީ ކަންކަމަށް ސަމާލުކަންދޭ، އަޚުލާޤު ރަގަޅު ކިޔަމަންތެރި ޤައުމުގެކެ ލޯބިވާ ދަރިވަރަކަށް ވުން ލާޒިމެވެ. އެފަލްސަފާ ވާން ޖެހެނީ ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ކަންކަމަށް ފުރިހަމަޔަށް ކުރިމަތިލެވޭފަދަ ދަރިންތަކެއް އުފެއްދޭނެ ފަލްސަފާއެވެ. ދީނީ ގޮތުންނާއި ފިކުރީ ގޮތުން ޢިލްމީ ގޮތުންނާއި ސަޤާފީ ގޮތުން އަމަލި މައިދާނުގައި ފައިތިލަ ސާބިތުކުރެވޭނެ ފަލްސަފާއެވެ. ތިމާއަށާއި ތިމާގެ އާއިލާއަށް ބޭނުންތެރި، މުޖުތަމަޢަށް ބޭނުންތެރި، މުޖުތަމަޢު ބަލައިގަންނަ ފަދަ އަމިއްލަ ބަހާއި ސަގާފަތާއި  އިސްލާމީ ވަންތަކަމަށް ލޯބިކުރާ ދިވެހި ދަރިން ތަކެއް ބިނާ ކުރެވޭ ފަލްސަފާއެވެ. ތިމާގެ އަމިއްލަ ޒަރޫރީ ބޭނުންތައް ތިމާ އަމިއްލަޔަށް ފުއްދާލެވޭފަދަ، ބަވަނަވަމުން މިދާ ދުނިޔެއަށް އަންނަމުން ދާ ބަދަލުތަކަށް ލޯ ހުޅުވި ޓެކްނޮލޮޖްގީގޮތުންނާއި ސިއްޙީ ގޮތުން އަދި ޖިސްމާނީގޮތުން އަމިއްލަ ފުދުންތެރި ދަރިންތަކެއް އުފެއްދޭނެ ފަލްސަފާއެވެ.
3.    އަމިއްލަ ފަލްސަފާ އުފެދިފައިވާ ގޮތާއި އޭގައި ހިމެނޭ ބަހާތައް
އަމިއްލަ ތައުލީމީ ފަލްސަފާ އުފެދިފައިވަނީ އިސްލާމީ އާޤީދާއާއި ދިވެހި ގައުމީ ވަންތަކަމާއި އަމިއްލަ ވަންތަކަމުގެ މައްޗަށެވެ.  ދިވެހިރާއްޖޭގައި މަންހަޖުގެ މައިގަނޑު ފަލްސަފާއެއް ކަމަށް ވާންޖެހޭނީ އިސްލާމްދީނުގެ ތަރަޙައިގެ ތެރޭގައިކަން ބަޔާން ކުރައްވަމުން ޑޮކްޓަރ މުސްތޮފާ ލުތުފީއާ ހަވާލާ ދެއްވާ އާއިމިނަތު ޝިފްލީން ވިދާޅުވެފައިވަނީ ރަނގަޅު ފަލްސަފާއަކީ "އިލްމާއި ހުނަރާއި އުސޫލުތަކާއި އަހްލާގާއި ސަގާފީ ގޮތްތަކާއި އަގީދާ ހިމެނޭ ތައުލީމީ ޕްރޮގްރާމެކެވެ." މިހެންނެވެ. އަދި މައުމޫން ޢަބުދުލް ޤައްޔޫމްގެ ލިޔުއްވުމުގައިވެސް ވަނީ " މާތް އިސްލާމް ދީނާއި ދިވެހި ޤައުމިއްޔަތުގެ ހިޔާވަހިކަމުގެ ދަށުން" މިހެންނެވެ. ވުމާއެކު އަޅުގަނޑުގެ ފަލްސަފާގައިވެސް މައިގަނޑު ގޮތެއްގައި އެންމެ އިސްކަމެއް ދީފައިވާނީ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ދެމެހެއްޓުމުގެ ގޮތްތަކެވެ. ހަމައެހެންމެ މުސްތޮފާ ލުތުފީ އަދި މައުމޫން ޢަބުދުލްޤައްޔޫމް ވިދާޅުވެފައިވާފަދައިން  އަމިއްލަ ފަރުދެއްގެ ޙައިސިއްޔަތުންނާއި ޢާއިލާއާއި މުޖުތަމަޢުގައި ހަރުދަނާ މީހެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ މައްޗަށެވެ.ރަގަޅު ތައުލީމީ ނިޒާމެއްގައި އިސްލާމީ އަޤީދާއަށް ރިއާޔަތް ކުރެވިފައިވާން ޖެހޭނެއެވެ. ދިވެހި ބަހާއި ސަގާފަތް ދެމެހެއްޓުމަށްޓަކައި ސަމާލުކަން ދޭންޖެހޭނެއެވެ. ދުނިޔެއުޅުމަށް ބޭނުންވާ ހުނަރުތައް ލިއްބައި ދިނުމަށް ބޭނުންވާނެ ކަންކަމަށް ސަމާލުކަން ދެވިފައިވާން ޖެހޭ ނެއެވެ. އަމިއްލަ ފަލްސަފާގައި ހިމެނޭ ބަހާތަކަށް ބަލާއިރު އިސްލާމް ދީނާއި، ދިވެހިބަހާ ސަޤާފަތާއި، އަމިއްލަ ވަންތަކަމާއި، ދުނިޔެ އުޅުމަށް ބޭނުންވާ ހުނަރު ލިއްބައި ދިނުން ހިމެނެއެވެ.މި ހުރިހައިކަމެއް އެސެންޝިއަލިޒަމްފަލްސަފާޔާއި  ޕުރޮގުރެސިވިޒަމްގެ ފަލްސަފާގެ އިތުރަށް ރީކޮންސްޓުރަކްޓިވިސަމްގެ ފަލްސަފާގައި ބަޔާން ކުރެވިފައި އެބަވެއެވެ.އަޅުގަނޑުގެ ފަލްސަފާއި ގައިވެސް މިކަންތައްތައް ހިމެނިފައިވާނެއެވެ.
4.    އުގަންނައި ދިނުމުގައި ގެންގުޅޭ އަމިއްލަ ޕެޑަގޮޖީއާއި އުސޫލްތައް
        އުގައްނައިދިނުމުގައި އަޅުގަނޑުގެ އަމިއްލަ ޕެޑަގޮޖީ ގައި ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަން ދެނެގަނެ ހުރިހާ ދަރިވަރުންނަށްވެސް އުގެނެވޭފަދަ ގޮތަކަށް ކުލާސް މާހައުލު ރާވާލެވެތޯ މަސައްކަތް ކުރެވެއެވެ. މިގޮތުން ކުދިން އުގެނޭ ތަފާތު ގޮތްތައްކަމަށްވާ ލާރނިންގ ސްޓައިލަށް ވަރަށް ބޮޑަށް ބާރުއެޅެއެވެ.މިގޮތުން ވީވަރަކުން ސުޓޫޑެންޑް ސެންޓަރޑް ބޭނުންކުރެވޭ ތޯއާއި ދަރިވަރުން ކުރާ ކަންތައް ތަކަށް އެކަށީގެންވާ ތަރުހީބެއް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ބާރު އެޅެއެވެ. އަދި ކިޔަވައިދޭ އެއްޗަކާއި އަމިއްލަ ދިރިއުޅުމަށް އޭގެ މުހިއްމުކަން ވިސްނައިދެވޭތޯ ވަރަށް ބޮޑަށް ބަރުއަޅަމެވެ. މިގޮތުން އަމިއްލަ ދިރިއުޅުމުގައި އޭގެ ބޭނުންކުރާނެ ގޮތުގެ މައްޗަށް ބަލައިލެވެއެވެ. ކިޔަވައިދިނުމުގައި ވީހާވެސް ބޮޑަކަށް ދަރިވަރުން ބައިވެރިކޮށްގެން އަދި ގުދުރަތީ ވަސީލަތް ތައް ބޭނުންކޮށްގެން ގެންދެވޭތޯ މަސައްކަތް ކުރަމެވެ. ދަރިވަރުންގެ ފަރާތުން ފެންނަ ބައެއް ނޭދެވޭ ކަންކަމުގައި އެކަމުގެ ނޭދެވޭ މައްސަލަ ދަރިވަރުންނަށް އަންގައިދީ އޭގެ ގެއްލުން ބުނެދީގެން ރަނގަޅު ގޮތް ވިސަނައިދީގެން ރަނގަޅު ބިހޭވިއަރ ގެނެވޭތޯ މަސައްކަތް ކުރަމެވެ. މީގެ އިތުރަށް ރަގަޅު ނަމޫނާ ދައކައިގެން އެއިގެން މިސާލު ދައްކައިގެން އެކަމުން އިބުރަތް ހާސިލް ކޮއްދެވޭތޯ މަސައްކަތް ކުރެވެއެވެ. ދިރިއުޅުމުގެ މައިދާނުން ބައެއްކަންކަން ދައްކަ އަދި ބައެއް ޢިބުރަތް ތެރި ހާދިސާ ތައް ތާރީޚީ ދީނީ  ގައުމީ އަދި ސަގާފީ ކަންކަން ވިސްނައިދެވޭތޯ މަސއްކަތް ކުރަމެވެ. މީގެ އތުރަށް ބައެއްކަހަލަ ރީތި އަދަބުތައް އަށަގެންނެވުމަށްވެސް ވަރަށް ބޮޑަށް ބާރު އެޅެއެވެ.އަނެކާޔަށް އިހުތިރާމް ކުރުމާއި އިސްލާމީ ރީތީ ސިފަ ހަރުލެއްވުމަށް މަސައްކަތް ކުރަމެވެ. ދަރިވަރުންގެ މަސައްކަތް ތައް ބެލުމުގައި ސަމަޓިވްކޮއްނާއި ފޯރމަޓިވް ކޮށް ޓެސްޓް ކުރެވި ދަރިވަރަށް ދޭން ޖެ ހޭ އަޅާލުން ދީ ވަގުތުންދޭން ޖެހޭ ފީޑް ބެކް ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމެވެ. 
5.    ލިޓްރޭޗާރ އާއި އަމިއްލަ ޕެޑަގޮޖީއާއި އުސޫލުތަކާއި އަޅާކިޔުން
ލިޓްރޭޗާއާއި އަމިއްލަ ޕެޑަގޮޖީއާއި އަޅަކިޔާއިރު އުގަންނައިދިނުމު ބޮޑަށް ބޭނުންކުރަން ޖެހޭނެކަމަށް ބުރަވެވެނީ ދަރިވަރުންނާއި ރައްޓެހި މެތަޑްތަކާއި ފަލްސަފާއެވެ. އުގެނުމަށް ފަހި މާހައުލެއް ތައްޔާރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ގިނަ ދިރާސާތަކުން ދައްކައެވެ. އެގޮތުން ޑެލްޓަން (2010) ބަޔާންކުރާގޮތުން އުގަންނައިދިނުމުގެ މާހައުލަކީ ދަރިވަރު އުގެނުމަށް ލޯބިކުރާ މާހައުލަކަށްވާން ޖެހޭނެއެވެ. މި މާހައުލަކީ ދަރިވަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ދަރިވަރުންގެ ޖުމުލަ ތަރައްޤީއަށް ވިސްނައިގެން ތައްޔާރުކުރެވިފައިވާ މާހައުލަކަށް ހަދަންޖެހެއެވެ. އަމިއްލަ ޕެޑަގޮޖީވެސް ބިނާވެފައިވަނީ މިއުސޫލަތަކުގެ މައްޗަށެވެ. ދަރިވަރުންނަކީ އަމިއްލައަށް ކަންކަން ކުރަން ދަންނަ އުގެނޭ ތަކެތި އަމަލީ މައިދާނުގައި ބޭނުންކުރަން ދަންނަ ދަރިވަރުން ތަކަކަށް ހެދުމަށް ބާރުއެޅެއެވެ. އުގެނުމަކީ ކުރާހިތްވާ އަދި އުގެނުމުގެ މާހައުލަކީ ދަރިވަރުން ގަޔާވާ ތަނަކަށް ހެދުމަށް މަސައްކަތް ކުރެވެއެވެ. މުޅި އުގަންނައި ދިނުމުގައ އުސޫލްތައް ބިނާވެފައިވަނީ ދަރިވަރުންގެ ޖުމުލަ ތަރައްޤީއަށް ވިސްނައިގެންނެވެ.
6.    އަމިއްލަ ތައުލީމީ ފަލްސަފާގެ ސަބަބުން ޕެޑަގޮޖީއަށް ކުރާ އަސަރު
ރަގަޅު ތައުލީމީ ނިޒާމަކަމާއި މެދު ގެންގުޅެވޭ އަމިއްލަ ފަލްސަފާގެ ސަބަބުން އުގަންނައި ދިނުމަށް ބޭނުންކުރާ އުސޫލްތަކާއި ގޮތްތަކަށް (ފަލްސަފާ) ވަރަށް ބޮޑަށް އަސަރު ކުރެއެވެ. ދަރިވަރުންނަކީ ވަރުންނަކީ ދީނީކަންކަމަށް ސަމާލުކަންދޭ ދަރިވަރުންނަށ ހެދުމަށް ފިލާވަޅުގެ ތެރެއިންނާއި ފިލާވަޅުގެ ބޭރުން (ހިޑަން ކަރިކިއުލަމް) މަސައްކަތް ކުރެވެއެވެ. ދަރިވަރުންނަކީ އަމިއްލައަށް ކަންކަން ކުރަން ދަންނަ އުގަންނައިދެވޭ ތަކެތި އަމިއްލަ ދިރިއުޅުމުގައި ބޭނުންކުރަން ދަންނަ ބަޔަކަށް ހެދުމަށް އެކްޓިވްލ ލާރނިންގއާއި ދަރިވަރުންނާއި ރައްޓެހި އުސޫލުތަކުގެ ތެރެއިން ދަރިވަރުން ބޮޑަށް ބައިވެރި ކުރެވި މަސައްކަތްތައް އެގޮތަށް ބައްޓަން ކުރުމަށް ސަމާލުކަން ދެވެއެވެ. ވަތަނީ ލޯބި ދަރިވަރުންގެ ހިތުގއި އާލާކޮށް ދިރުވުމަށްޓަކައި ދިވެހި ބަހުގެ ފިލާވަޅުތަކާއި ސުކޫލުގައި ގެންދެވޭ ބަހުގެ އަދި ސަޤާފީ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް ދިވެހި ޤައުމުގެ ސަޤާފަތާއި އާދަދަކާދަތައް އުގަންނައިދިނުމަށް ސަމާލުކަން ދެވެއެވެ. ދަރިވަރުންނަކީ އަޚުލާޤު ރަގަޅު ބަޔަކަށް ހެދުމަށް ދަރިވަރުން ހަމަ މަގުގައި ބޭތިއްބުމަށް ކެޑިނޭޅި މަސައްކަތް ކުރެވެއެވެ.
7.    ޤައުމީ މަންހަޖުގެ ބައިތަކާއި އަމިއްލަ ތައުލީމީ ފަލްސަފާއާއި ޕެޑަގޮޖީއާއި ދެމެދު އޮތް ގުޅުން
ޤައުމީ މަންހަޖުގެ ހިމެނޭ މައިގަޑު އަސާސް ތަކަކީ އިސްލާމްދީނާއި، ދިވެހިވަންތަކަމާއިޘަޤާފަތާއި، އިންސަނީޙައްޤުތަކާއިޑިމޮކުރަސީއާއިޢަދުލުއިންސާފާއި،ދަރިވަރުންގެޖުމުލަތަރައްޤީއާއި، ދަރިވަރުންގެ ޤާބިލުކަންހުރި އެންމެމަތީ ދަރަޖައަކަށް ދިއުމަށް މަގުފަހިކޮށް ދިނުމާއި،ހުރިހާކުދިން ޝާމިލުކުރުމާއި، ދަރިވަރުން ދިރިއުޅުމަށް ތައްޔާކުރުމާއި، އުނގެނޭ އެއްޗަކާ ދިރިއުޅުމާ ގުޅުވުން މިއެވެ(ނެޝަނަލް އިނިސްޓިޓިއުޓް އޮފް އެޑިޔުކޭޝަން, 2014).އުގަންނައި ދިނުމުގެ ޕެޑަގޮޖީ ވަރަށްބޮޑަށް ތައުލީމީ މަންހަޖުގެ ބައިތަކާއި ގުޅިފައިވެއެވެ. އުގަންނައިދިނުމުގައި އިސްލާމްދީނާއި ސަޤާފަތާއި ދިވެހި ވަންތަކަމަށް ލޯބިކުރާ ދަރިވަރުންތަކެއް އުފެއްދުމަށް މަސައްކަތް ކުރުމަށް ޕެޑަގޮޖީއިން މަސައްކަތް ކުރެވެއެވެ. މަންހަޖުގެ ހުރިހާ ބައިތައް ހާސިލްކޮށް ދިނުމަށް ޕެޑަގޮޖީ ބައްޓަންކުރުމަށ މަސައްކަތް ކުރެވެއެވެ.  މުޅި އުގަންނައިދިނުން ބައްޓަންކުރެވިފައިވަނީ ނުވަތަ އުގަންނައިދިނުމުގެ ޕެޑަގޮޖީ ބިނާކުރެވިފައިވަނީ ޤައުމީ މަންހަޖުގެ ބައިތައް ޙާސިލްކޮށްދިނުމަށެވެ.

ރިފަރެންސް ލިސްޓް

ނެޝަނަލްއިނިސްޓިޓިއުޓްއޮފްއެޑިޔުކޭޝަން. (2014). ޤައުމީމަންހަޖު.މާލެ، ދިވެހިރާއްޖެ: އެންއައިއީ.
ކޮހެން, ލ. އ. (1999). ފިލޯސަފީއެންޑްއެޑިޔުކޭޝަންކޮންޓިނިޔަމްޗާރޓް. ނެގީ .29 ސެޕްޓެމްބަރ 2014 ގައި , .ސްކޫލްއޮފްއެޑިޔުކޭޝަން:       http://oregonstate.edu/instruct/ed416/chart3.htm
އެޑިއުކޭޝަން.ކޮމް. (2013, 11 05). ސްޓުޑެންޓްސެންޓާރޑްޕިލޯސަފީއޮފްއެޑިޔުކޭޝަން.ނެގީ 28 ސެޕްޓެބަރ 2014 ގައި، އެޑިއުކޭޝަން.ކޮމް:        http://www.education.com/reference/article/Ref_Student_Centered/
ފިގާރސް, އ. (2013, 10 30). ޓީޗަރސެންޓާރޑްޕިލޯސަޕީ.  ނެގީ. 28 ސެޕްޓެމްބަރ 2014 ގައި، އެޑިޔުކޭޝަން.ކޮމް.އައިސީ: http://www.education.com/reference/article/Ref_Teacher_Centered/
ގާރތް, ބ. (2014). އިސްޕިލޯސަފީއޮފްއެޑިޔުކޭޝަންއަހިސްޓޮރިކަލްމިސްޓޭކް؟:ކަނެކްޓިންގޕިލޯސަފީއެނޑްއެޑިޔުކޭޝަންޑިފަރަންޓްލީ.ނޯރތްއެމެރިކާ: ސެގެޕަބްލިކޭޝަން.
ޑެލްޓަން, ސ. ސ. (2010, 10 30). އެޑިޔުކޭޝަން.ކޮމް. . ނެގީ 28 ސެޕްޓެމްބަރ 2014 ގައި  އިފެކްޓިވްޓީޗިންގއެންޑްޕެޑަގޮޖީ: http://www.education.com/reference/article/effective-teaching-pedagogy/

No comments:

Post a Comment