Saturday, April 4, 2015

މުދައްރިސަށް އިސްކަންދޭ ކިޔަވައި ދިނުމަކީ ކޮބާ؟




·        މުދައްރިސަށް އިސްކަންދޭ ކިޔަވައި ދިނުމަކީ ކޮބާ؟
ކިޔަވައިދިނުމުގެ ވައްތަރުތަކުގެ ތެރެއިން މުދައްރިސަށް އިސްކަންދީގެން ނުވަތަ ޓީޗަރ ސެންޓާރޑްކޮށް ކިޔަވައި ދިނުމަކީ ކިޔަވައިދިނުމުގެ ވައްތަރުތަކުގެ ތެރެއިން އެންމެ ދުވަސްވީ ވައްތަރެވެ. މިވައްތަރުގެ އުގަންނައި ދިނުމުގައި، އުގެނުމާއި އުގަންނައި ދިނުމުގެ މަރުހަލާގައި ދަރިވަރުގެ މާބޮޑު ރޯލެއްނެތި އުގެނުމުގެ ހުރިހާކަމެއް މުދައްރިސަށް ބަރޯސާވެފައިވެއެވެ.  މުދައްރިސްގެ އަމާޒަކަށްވާނީ ދަރިވަރުންނަށް ފިލާވަޅު ނަގައިދެވޭކަން ޔަގީން ކުރުމެވެ. ނުވަތަ ސިލަބަސް ނިންމޭކަން ޔަގީން ކުރުމެވެ.
މިވައްތަރުގެ އުގަންނައި ދިނުމުގައި ކުދިން ބައިވެރިވުން ހޯދާނީ ވަރަށް މަދުންނެވެ. މުދައްރިސަށް އިސްކަންދީގެން އުގަންނައި ދިނުމުގައި މައިގަނޑު ގޮތެއްގައި ކުލާހުގައި އޮންނާނީ ވަކި ކަމަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމެވެ. ހުބާ އަދި ފުރީދް (2000) ބަޔާންކުރާ ގޮތުގައި މުދައްރިސް އުގަންނައިދޭ އިރު ދަރިވަރު ހަރަކާތްތެރިނުވެ އަޑު އަހާނީއެވެ. އަދި ކިޔަވައި ދިނުމާއި އިމްތިހާން ކުރުމަކީ މުދައްރިސަށް އިސްކަންދީގެން ކިޔަވައިދޭ ކިޔަވައިދިނުމުގައި ވަކި ދެބައިގެ ގޮތުގައި ގެންދެވޭ ދެބައެވެ.  މިގޮތަށް ކިޔަވައި ދިނުމުގައި ބޮޑަށް ބެލެވެނީ ދަރިވަރުންނަށް ފޯރުކޮށްދެވޭ މައުލޫމާތުގެ އަލީގައި ދަރިވަރަކަށް ކުޅަދާނަވީ މިންވަރަކުން އުގެނުން ކުރިއަށް ގެންދާނެކަމަށެވެ. އަދި ނަތީޖާ ހުންނާނެކަމަށް ބެލެވެނީ ނޯރމަލް ޑިސްޓުރިބިއުޝަނަށެވެ.
    މުދައްރިސުންނަށް ބަރޯސާވެގެން އުގަންނައި ދިނުމުގެ ފައިދާތަކެއް ހުރިކަމަށް މުދައްރިސުންނާއި ކުރެވުނު ސުވާލުތަކަށް ލިބުނު ޖަވާބުތަކަށް ބަލާލާއިރު އެގިގެން ދެއެވެ. މިގޮތުން މުދައްރިސުންނާއި ބަރޯސާވެގެން އުގައްނައިދޭ ގޮތަކީ ކުލާސް މެނޭޖްކުރުމަށް ފަސޭހަ ގޮތެއްކަމަށް ގިނަޓީޗަރުން އެއްބަސްވެލައްވައެވެ. ކިޔަވައިދޭ ސިލަބަސް ނިންމަންޖެހޭ ބައިތައް ކަނޑައަޅަނީ މުދައްރިސުންކަމަށް ވެފައި މިބައިތައް ކަވަރުކުރުމަށް އެކަށީގެންވާ ވަގުތު މުދައްރިސުންނަށް މިމެތަޑުން ލިއްބައިދޭކަމަށް ފާރޫޤް (2013) ފާހަގަ ކުރަށްވާފައި ވެއެވެ.
  ޖޯނަކޮމްޕާ (2012) ފާހަގަ ކުރައްވާ ގޮތުގައި މުދައްރިސުންނަށް ބަރޯސާވާ އުގަންނައި ދިނުމުގެ ވައްތަރުގައި އުނިކަންތައްތަކުގެ ތެރޭގައި ދަރިވަރުންގެ އުގެނުމުގެ ފުރުސަތު ވަކި މިނެއްގައި ހިފެހެއްޓިފައި ވުމާއި މުޅި އުގަންނައި ދިނުމުގެ މަރުހަލާތައް މުދައްރިސަށް ބަރޯސާވެ ދަރިވަރުގެ ދިރާސާކުރުމުގެ ހުނަރާއި ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ބޭނުންވާނޭ މުހިންމު ބައިތަކަށް ސަމާލުކަންދެވޭ މިންވަރު ކުޑަވުމެވެ. މީގެ އިތުރުން ޖޯނަކޮމްޕާ (2012) ފާހަގަ ކުރަށްވާ ގޮތުގައި ދަރިވަރުންގެ ވިސްނުމުގެ ހުނަރު މަތީ ހަރުފަތްތަކަށް ގެންދިއުމަށް ވަރަށްބޮޑު ހުރަހަކަށް މިވައްތަރުގެ އުގަންނައި ދިނުން ވެގެން ދެއެވެ.
·        ދަރިވަރަށް އިސްކަންދޭ ކިޔަވައި ދިނުމަކީ ކޮބައިކަން
    ދަރިވަރަށް އިސްކަންދީގެން ކިޔަވައި ދިނުމުގެ ވައްތަރަކީ ކިޔަވައިދިނުމުގެ އާގޮތްތައް ޒަމާނަށް އަންނަމުން އައި ބަދަލުތަކާއި އެކު ތައުލީމީ ދާއިރާއަށް އައި އެންމެ މުހިންމު އެއްބަދަލެވެ. މިވައްތަރުގެ އުގަންނައިދިނުމުގައި މުދަރިސްގެ ރޯލް ކުޑަވެ އުގެނުމުގައި ދަރިވަރުންގެ ރޯލް ބޮޑުވެގެން ދެއެވެ. އުގެނުމާއި އުގަންނައި ދިނުމުގެ މަރުހަލާގައި މުދަރިސްގެ ރޯލަކީ އުގެނުމުގައި ދޭނެޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމެވެ. ދަރިވަރުންނަކީ ސޯސަލް ކޮންސްޓުރަސްޓިވިސްޓް އުސޫލުތައް ބޭނުންކޮށްގެން އުގެނުމުގެ ހަރަކާތްތައް ފުރިމަކުރާ ބަޔެކެވެ. ކޯޕަރޭޓިވް ލާރނިންގނާއި ގުރޫޕް މަސައްކަތްތަކުގެ ތެރެއިން ދަރިވަރުންގެ އަމިއްލަ އުގެނުން ދަރިވަރުން މެނޭޖްކުރުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވެއެވެ.  މުދައްރިސުން ފިލާވަޅުތައް ފުރިހަމަކުރުމުގައި އުގަންނައި ދިނުމަށް ކަނޑައެޅި ލަނޑުދަނޑިތައް ހާސިލްކުރުމަށް ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން ހޯދައެވެ.
   މިގޮތަށް އުގަންނައި ދިނުމުގައި ދަރިވަރުން އުގެނުމުގެ މަރުހަލާގައި ދަރިވަރުން ހަރަކާތްތެރިކަމާއި އެކު ކުރިއަށްދާއިރު ފެންވަރު ބަލަނީ ހަމައެކަނި ސަމޭޓިވް ކޮށެއްނޫނެވެ. ފޯރމެޓިވް އެސެސްމަންޓް ނުވަތަ ކޮންޓިނިއަސް އެސެސެސްމަންޓަކީ ދަރިވަރުންނަށް އިސްކަންދީގެން އުގަންނައިދެވޭ އުސޫލުގެ ފެންވަރު ބެލުމުގެ މުހިންމު އެއްބައެވެ.  މަސައްކަތަތައް ހިގަމުންދައިރު ރުބުރިކްސް، ޗެކްލިސްޓް ނުވަތަ ރޭޓިންގ ސްކެލްފަދަ އާލާތްތައް ބޭނުންކޮށްގެން ދަރިވަރުން މަސައްކަތް ކުރަމުންދާއިރު ފެންވަރު ބެލުމުގެ މަސައްކަތް މުދައްރިސުން ކުރަމުން ގެންދާނެއެވެ.
ދަރިވަރުނަށް އިސްކަންދީގެން ކިޔަވައިދޭ ކުލާސްރޫމްތައް މެނޭޖްކުރުމުގެ މައްސަލައަކީ ބައެއް މުދައްރިސުންނަށް ދިމާވާ މައްސަލައެކެވެ. އަދި މުގައްރަރުގެ ބައިތައް ނިންމުމަށް އިތުރުވަގުތު ނަގަންޖެހުމަކީ މި ވައްތަރަށް އުގަންނައިދިނުމުގައި ދިމާވާ އަނެއް މައްސަލައެވެ.
·        ރާއްޖޭގެ ސުކޫލުތަކުގައި ދަރިވަރުންނަށް އިސްކަންދޭ ކިޔަވައި ދިނުމަށް ދެވޭ އިސްކަން
    ރާއްޖޭގެ ގިނަ ސުކޫލުތަކެއްގައި ގުރޭޑް އެކަކުން ތިނަކަށް މިހާރު ކިޔަވައި ދެމުންގެންދެވެނީ ދަރިވަރުންނާއި ރައްޓެހި ކުލާސްތަކުގައި ހަރަކާތްތެރިކޮށް (އެކްޓިވް ލާރނިންގ) އުގެނިގެންނެވެ. މި ގުރޭޑްތަކުގައި މިގޮތަށް ކިޔަވައިދޭން ފެށިގެން އައިސްފައިވަނީ ޔުނިސެފްގެ ފަރާތުން 2006 ވަނަ އަހަރު ރައްޖޭގެ ސުކޫލުތަކުގައި އެކްޓިވް ލާރނިންގ ފެށުމަށް ގެންދެވުނު ޕުރޮގުރާމުގެ ދަށުންނެވެ. ރާއްޖޭގެ ސުކޫލުތައް ދަރިވަރުންނާއި ރައްޓެހި ގޮތައް ކިޔަވައިދިނުން އާންމު ވެގެން އައީ މިހާ ހިސާބުން ފެށިގެންކަމަށް ގަބޫލުކުރެވެއެވެ.  މި ޕުރޮގުރާމް ޕައިލެޓްކުރެވި ރާއްޖޭގެ ހުރިހާ ސުކޫލުތަކަކަށް މި ގޮތަށް އުގަންނައިދިނުން ތައާރަފްކުރެވި ގިނަ ސުކޫލުތަކެއްގައި މި ތިންގުރޭޑްގައި އެކްޓިވް ލާރނިންގ ކުރިއަށް ދާކަމަށް މުދައްރިސުންނާއި ކުރެވުނު ބައެއް ސުވާލުތަކުން އެގުނެވެ. ނަމަވެސް ގިނަ ސުކޫލުތަކެއްގައި އަދިވެސް ކޮންޓިނިއަސް އެސެސްމަންޓްގެ ބަދަލުގައި ކޮންޓިނިއަސް ޓެސްޓުތަކެއް ފެންވަރުބެލުމުގެ ގޮތުން ދޭކަން ފާހަގަކުރެވެއެވެ. މަތީ ގުރޭޑްތަކަށް ބަލާއިރު ގުރޭޑް ހަތަރަކުން ހަތަކަށް ދަރިވަރުންނަށް އިސްކަންދީގެން ކިޔަވައިދިނުން ބައެއްސުކޫލުތަކުގައި ކުރިއަށްދެއެވެ. ސުވާލު ހުށައެޅުނު 10 މުދައްރިސުންގެ ތެރެއިން 9 މުދައްރިސުން ފާހަގަކުރަށްވާފައިވާ ގޮތުން އެސުކޫލުތަކުގައި ގުރޭޑް އެކަކުން ތިނަކަށް އެކްޓިވްލާރނިންގެ އުސޫލުން އުގަންނައިދިނުން ކުރިއަށްދާ ކަމަށް މައުލޫމާތު ދެއެވެ. އަދި 19 މުދައްރިސުންގެ ތެރެއިން 6 މުދައްރިސުން ފާހަގަކުރަށްވާ ގޮތުގައި  ގުރޭޑް ހަތަރަކުން ހަތަކަށް އުގަންނައިދިނުމުގައި ކޮންމެވެސް ވަރަކަށް ދަރިވަރަށް އިސްކަންދީގެން އުގަންނައިދޭ އުސޫލު ބޭނުންކުރެވެމުން ދެއެވެ. ނަމަވެސް ސުވާލުކުރެވުނު ހުރިހާ މުދައްރިސުންވެސް ފާހަގަކުރަށްވާފައިވާ ގޮތުގައި ގުރޭޑް އަށަކުން ފެށިގެން މަތީގެ ގުރޭޑް ތަކުގައި ދަރިވަރުންނާއި ރައްޓެހި އުސޫލު ނުވަތަ ދަރިވަރަށް އިސްކަންދީގެން އުގަނައިދިނުން ކުރިއަށްދަނީ ވަރަށް ވެސް ކުޑަ މިންވަރަކަށެވެ.
ދަރިވަރަށް އިސްކަންދީގެން އުގަންނައިދިނުން ބައްޓަންކުރެވޭ މާއްދާތަކައް ބަލާއިރު ސައިންސް، ހިސާބު، ދިވެހި، އިގެރޭސި ފަދަ މާއްދާތަކުގައި ދަރިވަރުންގެ ހިއްސާބޮޑުކޮށް ފިލާވަޅު ބައްޓަންކުރެވޭކަން މުދައްރިސުން ފާހަގަ ކުރަށްވައެވެ.  ނަމަވެސް އިސްލާމް އަދި ސޯޝިއަލް ސްޓަޑީޒްފަދަ ގިނަ މައުލޫމާތުތަކެއް ދޭންޖެހޭފަދަ މާއްދަތަކުގައި ބޮޑަށް ބޭނުންކުރެވޭކަމަށް ފާހަގަކުރެވެނީ މުދައްރިސުންނަށް އިސްކަންދީގެން އުގަންނައި ދިނުމުގެ ގޮތްކަމަށް ގިނަ މުދައްރިސުން ދެކެލައްވައެވެ. ގުރޭޑް އެކަކުން ތިނަކަށް ދަރިވަރުންނަށް އިސްކަންދީގެން އުގަންނައިދޭ އުސޫލު ބޭނުންކުރެވޭ ސަބަބެއް ކަމަށް ގިނަ މުދައްރިސުން ދެކެލައްވަނީ މިގުރޭޑްތަކަކީ ރަސްމީ އިމްތިހާން އޮންނަ ގުރޭޑް ތަކަކަށް ނުވުމެވެ. މިހެންވުމުގެ ސަބަބުން މުދައްރިސުންނަށް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް އެހެން ގުރޭޑްތަކުގައި ވަގުތުހޭދަކުރާ ފަދައިން މި ގުރޭޑް ތަކުގައި އެކަކުން ތިނަކަށް ވަގުތު ހޭދަކުރަން ނުޖެހޭކަން ފާހަގަކޮށްފައި ވެއެވެ.  ގުރޭޑް ހަތަރަކުން ފެށިގެން މައްޗަށް ދިޔަވަރަކަށް މުދައްރިސުންނަށް އިސްކަންދީގެން އުގަންނައިދިނުމުގެ ނިސްބަތް އިތުރު ވާކަން ހުރިހާ މުދައްރިސުންވެސް ފާހަގަ ކުރަށްވައެވެ. މިކަން މިގޮތަށް ދިމާވާ އެންމެބޮޑު ސަބަބެއްކަމުގައި މުދައްރިސުން ފާހަގަ ކުރައްވަނީ މަތީ ގުރޭޑް ތަކުގައި ގިނައީ ބިދޭސީ މުދައްރިސުން ކަމަށްވެފައި ދަރިވަރުންނާއި ރައްޓެހި އުސޫލުތަކަށް އެ މުދައްރިސުން ބީރެއްޓެހި ވުމެވެ.  ދެވޭ ތަމްރީނުތަކުން ލިބޭ މައުލޫމާތުގެ އަލީގައި ބިދޭސީ މުވައްޒަފުންވެސް އަދި ބައެއް ދޭސީ މުދައްރިސުން މި އުސޫލް ތަންފީޒުކުރުމުގައި ކުލާސް ކޮންޓްރޯލް ނުވެދާނެކަމުގެ ބިރަށް ފަސްޖެހޭކަން ފާހަގަ ކުރެވެއެވެ.
އެހެންކަމުން ރާއްޖޭގެ ސުކޫލުތަކުގައި  އުގަންނައި ދިނުމަށް ދަށްގުރޭޑް ތަކުގައި ބޭނުން ކުރެވެމުންދަނީ ދަރިވަރުންނާއި ރައްޓެހި އުސޫލް ނުވަތަ ދަރިވަރުންނަށް އިސްކަންދީގެން އުގަންނައި ދިނުމުގެ އުސޫލެވެ. ދަށް ގުރޭޑްތަކުގައި މި އުސޫލު ބޭނުން ކުރެވުނު ކަމުގައިވިއަސް ފެންވަރުބެލުމުގެ ކަންކަން މި އުސޫލަށް އެންމެ ރަގަޅަށް ބައްޓަން ކުރެވިފައި ނުވެއެވެ. ކޮންޓިނިއަސް އެސެސްމަންޓްގެ ރަގަޅު ބައިތައް އެންމެ އެކަށީގެންވާ މިންވަރަށް އަދިވެސް ބޭނުންނުކުރެވެއެވެ. މަތީގުރޭޑް ތަކުގައި މުގައްރަރު ނިންމުމަށް ބޮޑަށް އިސްކަންދެވި ފިލާވަޅު އުގެނުމުގައި ނުވަތަ އުގަންނައި ދިނުމުގައި ދަރިވަރުގެ ރޯލް ބޮޑުކުރުމަށް މަސައްކަތް މުދަރިސުން ނުކުރާކަން ފާހަގަ ކުރެވެއެވެ.

No comments:

Post a Comment